މާތްﷲ އަށްޓަކައި ކުރާހޭދައެއް ބޭކާރުނުވާނެ

އައްޝައިޚް މުހައްމަދު ސިނާން

އިތުރަށް ވިދާޅުވުމަށް

ސަޢޫދީ ޢަރަބިއްޔާގައި ވިޔަފާރި ކުރަމުން އައި ސޫދާނުގެ ވިޔަފާރިވެރިއެއް ކިޔައިދިނެވެ. އެއީ ހިޖުރީގޮތުން 1415 ވަނަ އަހަރުގެ ތެރެއެވެ. މީލާދީގޮތުން 1994 ހިސާބެވެ. އެދުވަސްވަރަކީ މިހާރުގެ ގޮތަށް މުވާސަލާތީގުޅުންތައް ފަސޭހަ ދުވަސްވަރެއް ނޫނެވެ. ސަޢޫދީ ޢަރަބިއްޔާގެ ބުރައިދާއޭ ކިޔުނު ރަށުގައި އަހަރެންނާއި އަހަރެންގެ ސަޢޫދީ އެކުވެރިއެއްކަމުގައިވާ ސުޢޫދުއާއެކު ވިޔަފާރިކުރަމުން ދިޔައީމެވެ.

މިގޮތުން އައި ހުކުރުދުވަހެކެވެ. އާދައިގެ މަތިން އެ ހިސާބުގައިވާ އެންމެ ބޮޑު މިސްކިތަށް ހުކުރަށް ދިޔައީމެވެ. ހުކުރު ނަމާދަށްފަހު ކަށުނަމާދު ކުރަން ތެދުވުމަށް އިމާމްމީހާ ގޮވާލިއެވެ. އެހިނދު، މިސްކިތުގެ ތެރޭގައި އެކަކުއަނެކަކަށް އެ ނިޔާވެފައިވާ މީހަކީ ކާކުތޯ ސުވާލުކުރަމުން ދިޔައެވެ. އެހިނދު، އަހަރެންނަށް އިވުނީ ކުއްލި ހައިރާންކަމެއް ގެނުވި ޚަބަރެކެވެ. ކަށުނަމާދު މިކުރެވޭ މައްޔިތާއަކީ އަހަރެންގެ ދުވަސްވީ ސަޢޫދީ އެކުވެރިޔާ ސުޢޫދުކަމެވެ. ރޭގައި ކުއްލިއަކަށް ހިތްހުއްޓިގެން މި ދުނިޔެ ދޫކުރީއެވެ. އަހަރެންނާ ހަމައަށް އެ ޚަބަރު މިވަނީ ވާޞިލުނުވެފައެވެ. މާތް ﷲ އެ އެކުވެރިޔާއަށް ރަޙްމަތް ލައްވާށިއެވެ!

އަހަރެން ވަރަށް ދެރަވިއެވެ. އެ ދުވަހު އެ އެކުވެރިޔާގެ މައްޗަށް ކަށުނަމާދުކުރުމަށްފަހުގައި ޖަނާޒާގެ އެންމެހާ ކަމެއް ނިމިއްޖެއެވެ.

ދުވަސްތަކަކާއި މަސްތަކެއް ފާއިތުވެގެން ހިނގައްޖެއެވެ. އަހަރެން ސުޢޫދުގެ ދަރިންނާއި ވާރިސުންނާއެކު ވިޔަފާރީގެ ހިސާބުތައް ކުރީމެވެ. އަހަރެންގެ ނިޔާވެފައިވާ އެ އެކުވެރިޔާ އެހެން ވިޔަފާރިވެރިއެއްގެ އަތުން 300 ހާސް ރިޔާލު ދަރަންޏަށް ނަގާފައިވާކަން އަހަރެންނަށް އެނގިފައިވެއެވެ. އެހެންވެ، އެ ވިޔަފާއިވެރިޔާ އަހަރެން ކުރެން ސުޢޫދުގެ ދަރިންގެ ކައިރިއަށްގޮސް އެ ދަރަންޏަށް ހެކި ދިނުމަށް އެދުނެވެ. އެ ދަރަންޏަކީ ސާފުކޮށް ބަޔާންވާނެގޮތަށް އޮތް ދަރަންޏެއް ނޫނެވެ. މި ދަރަންޏަކީ އެކި ފަހަރު މަތިން ކޮށްފައިވާ މުޢާމަލާތްތަކެއްގެ ދަރަންޏެކެވެ. އެހެންވެ، ސުޢޫދުގެ ދަރިންނަށް އެ ދަރަނި ބައްޕަ އަދާކުރިކަމެއް އަދި އަދާނުކުރާކަމެއް އެނގޭކަން ނެތެވެ. އެ ދަރަނި ބައްޕަ އަދާނުކުރާކަން ސާބިތުވާނެ ގޮތެއްނެތުމުން އެ ދަރިން އެ ދަރަނި އަދާކުރުމަށް ދެކޮޅުހެދިއެވެ. ބައެއްފަހަރަށް ވިޔަފާރިވެރިންނަކީ އެކަކުއަނެކަކަށް ކުރާ އިތުބާރުގެ މައްޗަށް ދަރަނި ދީ އުޅޭބައެކެވެ. ދަރަނި އޮތްކަން އެ ވިޔަފާރިވެރިޔާއަށް ސާފުކޮށް ބަޔާންކޮށްނުދެވުމުން، އަހަރެން ހެކިވި ހެކިވުންވެސް ޤަބޫލުނުކޮށް އެކުދިން ރައްދުކުރިއެވެ. އަދި އަހަރެންނަށް ބުންޏެވެ. "ބައްޕަ އަހަރެމެންނަށް ދޫކޮށްފައިވަނީ 600 ހާސް ރިޔާލެވެ. އޭނާ އަމިއްލައަށް އޭނާގެ ފައިސާ ސާބިތުކުރަންޖެހޭގޮތަށް ސާބިތުނުކޮށް ހުރުމުގެ ސަބަބުން، އެފައިސާތައް އޭނާއަށްދީފައި ތިމަންމެނަށް ފައިސާއެއް ނުލިބުމަށް އެދެނީ ހެއްޔެވެ؟"

އޭގެފަހުގައި، އަހަރެންގެ ހިތަށް ތަފާތު އެކި ޚިޔާލުތައް އަންނަން ފަށައިފިއެވެ. އަހަރެންގެ އެ އެކުވެރިޔާ އޭނާގެ އެ ދަރަންޏާއެކު ކަށްވަޅުގައި ހަމަޖެހުމެއްނެތި އެ ދަރަނީގައި ބަނދެވިގެން އުޅޭ ޚިޔާލުތައް ހިތަށް ވެރިވާން ފަށައިފިއެވެ. އަހަރެންގެ ކުޑައިރުއްސުރެ އެކުގައި އުޅުނު އެކުވެރިޔާ އަދި ވިޔަފާރީގެ ބައިވެރިޔާ އެ ޙާލަތުގައި ވުމަށް ދޫކޮށްލާނީ ކިހިނަކުން ހެއްޔެވެ؟

މި ޚިޔާލުތައް ވެރިވާންފެށީއްސުރެ ދެ ދުވަސް ފާއިތުވީއެވެ. އަހަރެންނަށް ހަމަޖެހިގެން ނިދޭގޮތެއް ނުވެއެވެ. އަހަރެންގެ ލޯމެރިލާ ކޮންމެ ފަހަރަކު ފެންނަނީ އަހަރެންގެ އެ އެކުވެރިޔާ ހިނިތުންވެފައިވާ ޙާލުގައި، އަހަރެންގެ އެހީތެރިކަމަކަށް އިންތިޒާރުކުރާ މަންޒަރެވެ.

ކޮންމެ ފަދަ ޤުރުބާނީއެއް ވެގެންވެސް، އަހަރެންގެ އެ އެކުވެރިޔާގެ ދަރަނި އަދާކޮށްދިނުމުގެ ޢަޒުމުގައި އަހަރެން މަސައްކަތް ފެށީމެވެ. އަހަރެންގެ އަތުގައި ހުރި ހުރިހާ މުދަލެއް އަގުކުރިއިރު ހަމަވަނީ 450 ހާސް ރިޔާލެވެ. އަހަރެންގެ އަތުގައި ހުރި ހުރިހާ މުދަލެއް ވިއްކާލުމަށްފަހު އަހަރެންގެ އެކުވެރިޔާގެ ދަރަނި އަދާކޮށް ދިނީމެވެ.

އޭގެ ދެ ހަފްތާ ފަހެވެ. އަހަރެންގެ އެކުވެރިޔާގެ ދަރަނި އަދާކުރުމަށްޓަކައި އަހަރެންގެ ފިހާރައާއި އެންމެހާ މުދަލެއް ވިއްކާލިކަމުގެ ޚަބަރު ލިބިގެން، އެ އެކުވެރިޔާއަށް ދަރަނި ދިން ވިޔަފާރިވެރިޔާ އަހަރެންގެ ގާތަށް އައިސް 100 ހާސް ރިޔާލު އަނބުރާދިނެވެ. އަދި މި ވިޔަފާރިވެރިޔާ އެހެން ވިޔަފާރިވެރިންގެ ކައިރީގައި މި ވާހަކަ ކިޔައިދިނުމުން، އެއިގެ ތެރެއިން އެއްވިޔަފާރިވެރިޔަކު އަހަރެންނަށް ގުޅައި، އަހަރެންގެ ވިޔަފާރި އަލުން ފެށުމަށްޓަކައި ދެ ވިޔަފާރިކުރާ ތަނެއް، އެތަނުގައިވާ ހުރިހާ މުދަލަކާއެކު އަހަރެންނަށް ދިނެވެ. އަދި އެއިގެން އެއްވެސް މުދަލަކަށް އެންމެ ރިޔާލެއްވެސް އަނބުރާ ނުދިނުމަށް ތިމަންގެ ކިބައިން އެދުނެވެ.

އަހަރެން ވިޔަފާރިކުރުމަށްޓަކައި އެ ދެ ފިހާރަ ސާފުކޮށްހެދުމުގެ މަސައްކަތުގައި އުޅެނިކޮށް، މުދާ އަރުވާފައިވާ ބޮޑު ޕިކަޕެއް އައެވެ. އެ ޕިކަޕުން ޒުވާން ޅަ ކުއްޖަކުއައިސް އަހަރެންނަށް ބުންޏެވެ. "މިއީ އަހަރެންގެ ބައްޕަ ބޭބެއާ ޙަވާލުކުރުމަށްޓަކައި ފޮނުވި މުދާތަކެކެވެ. މިތަކެތި ވިއްކުމަށްފަހު އޭގެ ދެބައިކުޅަ އެއްބައި އަދާކޮށްދިނުމަށާއި، ބާކީބަޔަކީ ބޭބެއަށްވާ ހަދިޔާއެއްކަމުގައި ބައްޕަ ވިދާޅުވިއެވެ. އަދި އިތުރަށް މުދާ ބޭނުންވާނަމަވެސް އަންގާލުމަށް ބައްޕަ އެދުނެވެ."

މި ނޫންވެސް އެކިއެކި ވިޔަފާރިވެރިން އަހަރެންނަށް އެކިވަރުވަރުގެ އެހީތައް ވެދިނެވެ. އަހަރެންގެ ފޯރުންތެރިކަން ކުރިއަށްވުރެ އެތައް ގުނައެއް އިތުރުވިއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ހެޔޮލަފާ ރަނގަޅު އިޚްލާޞްތެރި އެކުވެރިންނަކީ މިފަދަ ބައެކެވެ. އެފަދަ އެކުވެރިންނަކީ ދުނިޔަވީ ޙަޔާތުގައި އެހީތެރިވާ، އަދި އުޚްރަވީ ޙަޔާތަށްވެސް ފާގަތިކަމާއި އުފާވެރިކަން ގެނެސްދޭނެ އެކުވެރިންނެވެ. މާތް ﷲއަށްޓަކައި އެއްޗެއް ހޭދަކޮށްފިނަމަ އެ އެއްޗެއްގެ ބަދަލު ދުނިޔެއާއި އާޚިރަތުގައިވެސް ދެއްވާނެއެވެ. މުސްލިމުންނަކީ ﷲއަށްޓަކައި އެއްބަޔަކު އަނެއްބައެއްދެކެ ލޯބިވާ ބައެކެވެ. އެ އެކުވެރިކަމަކުންނާއި ލޯތްބަކުން ދުނިޔެއާއި އާޚިރަތުގައި މަންފާކުރާނީ ﷲއަށްޓަކައި އެކުވެރިވެ، ލޯބިވެ އުޅުނު ބަޔަކަށެވެ.

ޚިޔާލުތައް