ސުވަރުގޭގައި ލިބޭނެ އެންމެބޮޑު ނިޢުމަތް

އައްޝައިޚް މުހައްމަދު ސިނާން

އިތުރަށް ވިދާޅުވުމަށް

މާތް ﷲއަށް ކިޔަމަންވި އަޅުންނަށް ތައްޔާރުކޮށްދެއްވާފައިވާ ސުވަރުގެއަކީ އެތައް ނިޢުމަތްތަކަކުން ފުރިގެންވާ ތަނެކެވެ. އިންސާނެއްގެ ލޮލަށް އެފަދަ ރިވެތި ތަނެއް ފެނިފައިނުވާ، އަދި ކަންފަތަށް އެހާ ފުރިހަމަ ތަނެއްގެ ވާހަކަ އިވިފައިނުވާ ތަނެކެވެ. އަދި އޭނާގެ ހިތަށްވެސް އެ ތަނުގެ ފުރިހަމަކަމާއި ރީތިކަން ތަޞައްވުރުވެސް ނުވާ ތަނެކެވެ. ރަނާއި ރިހިންވާ ގަނޑުވަރުތަކެވެ. އެތަނުގައިވާ މޭވާތަކާއި ކާނާތަކެވެ. ތަފާތު ވައްތަރު ކޯރުތަކެވެ. ރަނާއި ރިހީގެ ކަންވާރުތަކެވެ. ޠާހިރުވެގެންވާ ޙޫރުލްޢީނުންނާއި ޚާދިމުންނެވެ.

މިހުރިހާ ނިޢުމަތްތަކެއްގެ މަތިން ހަނދާން ނެތިގެންދާފަދަ މަތިވެރި ނިޢުމަތެއް މާތް ﷲ ވަނީ ސުވަރުގޭގެ އަހުލުވެރިންނަށް ވަޢުދުކުރައްވާފައެވެ. އެ ނިޢުމަތެއް ލިބުމާއެކު ދެންހުރި ހުރިހާ ނިޢުމަތްތަކުގެ މަތިން ހަނދާންނެތޭނެއެވެ. އެ ނިޢުމަތާ އަޅާބަލާއިރު އެހެން ނިޢުމަތްތަކުގެ މާތްކަން އެބައިމީހުންގެ ގާތުގައި ދަށްވެގެންދާނެއެވެ. އެންމެ ނިޢުމަތެއްގެ ސަބަބުން އެތައްއެތައް އަގުބޮޑެތި ނިޢުމަތްތަކެއްގެ މަތިން ހަނދާން ނެތޭފަދަ ނިޢުމަތަކީ ހާދަހާވާ ބޮޑު ނިޢުމަތެކެވެ. މި ނިޢުމަތަކީ ސުވަރުގޭގެ އަހުލުވެރިންނަށް އެބައިމީހުންގެ ވެރިރަސްކަލާނގެ ޛާތުފުޅު ދުށުމުގެ ނިޢުމަތެވެ.

ސުވަރުގޭގެ އަހުލުވެރިން ވަނީ ދުނިޔޭގައި އުޅުނުއިރު އެކަލާނގެއަށް އީމާންވެފައެވެ. އެބައިމީހުންގެ ވަގުތުތައް ހުސްކޮށްގެން އެކަލާނގެއަށްޓަކައި ކިޔަމަންތެރިކަން އަދާކޮށްފައެވެ. އެކަލާނގެއަށް ބިރުވެތިވެ އުއްމީދުތަކެއް ކޮށްފައެވެ. މާޔޫސްވުމެއްނެތި އެކަލާނގެ ޙަޟްރަތަށް އާދޭސްކޮށް ދުޢާކޮށްފައެވެ. އެކަލާނގެ ވަޖުހުފުޅު އަދައިގެން އެބައިމީހުންގެ ޖާނާއި މާލުން ޤުރުބާނީވެފައެވެ. މި ހުރިހާ ކަމެއް އެބައިމީހުން ކޮށްފައިވަނީ އެކަލާނގެ ފެނުމެއް ނެތިއެވެ. މި ހުރިހާ ޤުރުބާނީތަކަކަށްފަހު ޞިފަފުޅުތަކުގައިވެސް އެއްކައުވަންތަ ކަލާނގެ ޛާތުފުޅު ފެންނަ ވަގުތަކީ އެބައިމީހުންނަށް ލިބޭނެ އެންމެ އުފާވެރި، އެންމެ މުހިއްމު ވަގުތެވެ.

ދުނިޔެމަތީގައި މާތް ﷲ ނުފެނުމުގެ ސަބަބުތަކެއް ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. އެއީ؛ އިންސާނުންގެ ލޯތަކަކީ ޢައިބުތައް އެކުލެވިގެންވާ ފަނާވެދަނިވި ލޯތަކެކެވެ. ފަނާވެދިޔުމެއްނުވާ ކަލާނގެ ޛާތުފުޅު ދުށުމުގެ ޤާބިލުކަން އެފަދަ ލޯތަކަކަށް ލިބިގެންނުވެއެވެ. ދެވަނަ ސަބަބަކީ؛ ސުވަރުގޭގައި ލިބޭނެ އެންމެ ބޮޑު ނިޢުމަތުގެ ގޮތުގައި އެ ނިޢުމަތް ލެއްވުމަށް އެކަލާނގެ ފަސްކުރައްވާފައިވުމެވެ. ތިންވަނަ ސަބަބަކީ؛ އެކަލާނގެ ފެނުމަކާނުލައި އީމާންވުމުގެ ސަބަބުން މުއުމިނުންގެ ޘަވާބާއި ދަރުމަ އިތުރުކޮށް ދެއްވުމެވެ.

ސުވަރުގޭގެ އަހުލުވެރިންނަށް އެކަލާނގެ ޛާތުފުޅު ފެންނާނެކަމުގެ ދަލީލުތައް ވަރަށް ގިނައެވެ. މިގޮތުން މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ((وُجُوهٌ يَوْمَئِذٍ نَّاضِرَةٌ ‎*‏ إِلَىٰ رَبِّهَا نَاظِرَةٌ)) (القيامة: 22-23) މާނައީ: "އެދުވަހުން މޫނުތަކެއް ރީތިވެ، އަލިވެގެންވެއެވެ. އެ މޫނުތަކުގެ ވެރިރަސްކަލާނގެއަށް ބަލަބަލައި ތިބެއެވެ."

މާތް ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްތަކަށް ބަލާއިރު، މި ކަމާގުޅޭގޮތުން 30 ޞަޙާބީބޭކަލުންގެ ކިބައިން 80 އަށްވުރެ ގިނަ ރިވާޔަތް ރިވާކުރައްވާފައިވެއެވެ. އިމާމް ބުޚާރީއާއި އިމާމް މުސްލިމް ޖަރީރު ބުން ޢަބްދުﷲ رَضِيَ اللهُ عَنْهُ ކިބައިން ރިވާކުރައްވާފައިވެއެވެ. އުޑުމަތި ސާފު ރެއެއްގައި ސާދަވިލޭރޭގެ ހަނދަށް ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم ބައްލަވާލެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. ((إنَّكُمْ سَتَرَوْنَ رَبَّكُمْ كَمَا تَرَوْنَ هَذا القَمَرَ، لا تُضَامُّونَ في رُؤْيَتِهِ)) މާނައީ: "ހަމަކަށަވަރުން މި ހަނދު ތިޔަބައިމީހުންނަށް ފެންނަފަދައިން ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ފެންނަހުއްޓެވެ. އެކަލާނގެ ދުށުމުގައި ތިޔަބައިމީހުންނަށް އުނދަގޫކަމެއް ނުވާނެތެވެ." އަދި އިމާމް މުސްލިމް، ޞުހައިބު رَضِيَ اللهُ عَنْهُ ގެ ކިބައިން ރިވާކުރައްވާފައިވެއެވެ. ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. "ސުވަރުގޭގެ އަހުލުވެރިން ސުވަރުގެއަށް ވަދެ ނިމުމުން، އެބައިމީހުންނަށް ﷲ (ތަބާރާކަ) ވަޙީކުރައްވާނެތެވެ. "ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރަށް ދެއްވާނެ އެއްޗަކަށް ބޭނުންވޭ ހެއްޔެވެ؟" ފަހެ، އެބައިމީހުން ދަންނަވާނެތެވެ. "އިބަރަސްކަލާނގެ އަޅަމެންގެ މޫނުތައް އަލިނުކުރައްވަމުތޯއެވެ؟ އަޅަމެން ސުވަރުގެއަށް ވައްދަވައި ނަރަކައިން މިންޖު ނުކުރައްވަމުތޯއެވެ؟ (އެބަހީ؛ މިހާވަރުން ފުދެއެވެ.)" ދެން އެކަލާނގެ (އެކަލާނގެއާއި އެބައިމީހުންނާ ދެމެދުގައިވާ) ފަރުދާ ކަޝްފުކޮށްލައްވާ ހުއްޓެވެ. އެބައިމީހުންގެ ވެރިރަސްކަލާނގެ ދުށުމުގެ ނިޢުމަތަށްވުރެ ލޮބުވެތިކަން ބޮޑު ނިޢުމަތެއް އެބައިމީހުންނަކަށް ނުދެއްވެއެވެ."

ސުވަރުގޭގެ އަހުލުވެރިންގެ ދަރަޖަ ތަފާތުވާ ފަދައިން، އެ ތަނުގައި ލިބޭ އެންމެ ބޮޑު ނިޢުމަތް ލިބުމުގައިވެސް ދަރަޖަ ތަފާތުވެގެންވެއެވެ. ދަލީލުތަކުން އެނގޭގޮތުގައި ސުވަރުގޭގެ މަތީ ދަރަޖާގައިވާ މީހުންނަށް ދުވާލަކު ދެ ފަހަރު މާތް ﷲގެ ވަޖުހުފުޅު ދުށުމުގެ ނިޢުމަތް ލިބޭނެއެވެ. އަދި ސުވަރުގޭގެ ޢާއްމު ދަރަޖަތަކުގައިވާ މީހުންނަށް ކޮންމެ ހުކުރުދުވަހަކު އެ ނިޢުމަތް ލިބޭނެއެވެ. والله أعلم.

ޤިޔާމަތް ދުވަހު އެންމެ ބޮޑު ބަދުނަސީބުވެރިޔަކީ މި ބޮޑު ނިޢުމަތުން މަޙްރޫމްވެއްޖެމީހެކެވެ. އެދުވަހުން އެކަލާނގެއާއި އެމީހަކާދެމެދު ފަރުދާ ލެއްވޭނެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ((كَلَّا إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ)) (المطففين: 15) މާނައީ: "ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އެދުވަހު، އެބައިމީހުން ފަރުދާ ކުރެވިގެންވާނޭކަން ކަށަވަރެވެ."

އަޚުންނާއި އުޚްތުންނޭވެ! މި މަތިވެރިވެގެންވާ ނިޢުމަތް ޙާޞިލުކުރުމަށްޓަކައި ސުވަރުގޭގެ އަހުލުވެރިންގެ ޢަމަލުތަކަށް ޢަމަލުތައް ބަހައްޓާށެވެ. އެބައިމީހުންގެ ޞިފަތަކުން ޞިފަ ލިބިގަންނާށެވެ. ދުނިޔޭގެ އަވާގައިޖެހި، ގިނަ ބަޔަކު ހެއްލިފައިވާ ނިޢުމަތްތަކަކީ އެހާމެ ކުޑަ، ފިލައިދަނިވި ނިޢުމަތްތަކެކެވެ. މާތް ﷲގެ ރުއްސެވުން ހޯދުމަށް އެކަލާނގެއަށް ކިޔަމަންތެރިވާށެވެ! އެކަލާނގެއަށް އަދާކުރަންޖެހޭ އަޅުކަންތައް ރަނގަޅަށް ފުރިހަމައަށް އަދާކުރާށެވެ! އޭރުން އެންމެބޮޑު ނިޢުމަތް ލިބޭމީހުންގެ ތެރޭގައި ވާނެއެވެ.

ޚިޔާލުތައް