އައްޝައިޚް މުހައްމަދު ސިނާން
ތިލާވަތުގެ ސަޖިދައަކީ ކީރިތި ޤުރްއާން ކިޔެވުމުގެ ސަބަބުންނާއި އަޑުއެހުމުގެ ސަބަބުން ޖެހުން ސުންނަތްވެގެންވާ ސަޖިދައެކެވެ. ޤުރްއާން ކިޔަވާމީހާއާއި ޤުރްއާން އަޑުއަހާމީހާއަށްވެސް މި ސަޖިދަކުރުމަކީ ސުންނަތްކަމެކެވެ. މި ސަޖިދަ ނުޖެހިކަމުގައިވީނަމަވެސް ޤުރްއާން ކިޔެވުން ޞައްޙަވާނެއެވެ. ސަވާބާއި ދަރުމަ އިތުރުވާނީ މި ސަޖިދަޖެހުމުންނެވެ. ނަމާދުން ބޭރުގައްޔާއި ނަމާދުގެ ތެރޭގައިވެސް މި ސަޖިދަކުރުން އައިސްފައިވެއެވެ. ތިލާވަތުގެ ސަޖިދައަކީ އެންމެ ސަޖިދައެކެވެ.
ތިލާވަތުގެ ސަޖިދައިގެ ވާހަކަ ބަޔާންކުރައްވާ މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ. ((إِذَا قَرَأَ ابْنُ آدَمَ السَّجْدَةَ فَسَجَدَ، اعْتَزَلَ الشَّيْطَانُ يَبْكِي، يَقُولُ: يَا وَيْلَهُ، أُمِرَ ابْنُ آدَمَ بِالسُّجُودِ فَسَجَدَ فَلَهُ الْجَنَّةُ، وَأُمِرْتُ بِالسُّجُودِ فَأَبَيْتُ فَلِيَ النَّارُ)) (مسلم) މާނައީ: "އާދަމުގެދަރިޔާ ސަޖިދައިގެ އާޔަތެއް ކިޔަވާ ސަޖިދަކޮށްފިނަމަ، ޝައިޠާނާ އެކަހެރިވެ ރޮއެހޭރެއެވެ. އަދި ބުނެއެވެ. ހުރިހަލާކެއްގެ ބޮޑުކަމާއެވެ! ސަޖިދަކުރަން އާދަމުގެދަރިޔާއަށް އަމުރުކުރެވުމުން އޭނާ ސަޖިދަކޮށްފިއެވެ. ފަހެ، އޭނާއަށް ވަނީ ސުވަރުގެއެވެ. އަދި ސަޖިދަކުރުމަށް ތިމަންނައަށް އަމުރުކުރެވުމުން، ތިމަން އެކަމާ ދެކޮޅުހެދީމެވެ. ފަހެ، ތިމަންނައަށް ވަނީ ނަރަކައެވެ."
ޢާއްމުކޮށް ކިޔަވާ މުޞްޙަފުތަކުން ސަޖިދަވަޅުތައް ފާހަގަކުރެވޭނެ ގޮތަކީ، ސަޖިދަވަޅެއްކަމުގައިވާނަމަ މަތީގައި ރޮނގުކޮޅެއް ދަމާފައިވާނެއެވެ. އެހެންނަމަވެސް، ބައެއް ސަޖިދަވަޅުތަކުގައި ސަޖިދަ ޖަހަންޖެހޭ ތަން އެހެން ހިސާބެއްގައި އިނދެދާނެއެވެ. ސަޖިދަޖަހަންޖެހޭ ހިސާބު ފާހަގަކުރުމަށްޓަކައި އެކަމުގެ ނިޝާނެއް ޖަހާފައި ވާނެއެވެ. އަދި އެ ދިމާލުގެ ހަވާސާގައި ސަޖިދަ ޖަހާފައިވާނެއެވެ. އެހެންކަމުން، ސަޖިދަޖަހަންޖެހޭނީ މި ހިސާބަށް ކިޔަވާ ނިމުމުންނެވެ.
މި ސަޖިދައަށް ނަމާދުގެ ޙުކުމް އަންނާނެކަމަށް ވިދާޅުވާ ޢިލްމުވެރިންގެ އަރިހުގައި މި ސަޖިދަކުރާއިރު ވުޟޫހުރުމާއި، ނަމާދުކުރާއިރު ޢައުރަ ނިވާވާންޖެހޭ މިންވަރަށް ނިވާކުރަންްޖެހޭނެކަމުގައި ވިދާޅުވެ ލައްވައެވެ. އެހެންނަމަވެސް، ބޮޑަށް ބުރަވެވެނީ ނަމާދުގެ ޙުކުމް މި ސަޖިދައަށް ނާންނާނެކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ބަސްފުޅަށެވެ. އެހެންކަމުން، ވުޟޫ ނެތްނަމަވެސް، އަދި ނަމާދަށް ނިވާކުރަންޖެހޭ ވަރަށް ޢައުރަ ނިވާނުވިނަމަވެސް މި ސަޖިދަ ޞައްޙަވާނެއެވެ.
ނަމާދުގެ ބޭރުން ޤުރްއާން ކިޔަވާނަމަ، އަދި ޤުރްއާން އަޑުއަހާކަމުގައިވާނަމަ ސަޖިދަޖަހަންޖެހޭ ހިސާބަށް އައުމުން ސަޖިދައަށް ދާނީއެވެ. މި ސަޖިދަކުރުމަށްޓަކައި ވަކި ޚާއްޞަ ނިޔަތެއް ދުލުން ކިޔާކަށް ނުޖެހޭނެއެވެ. ތިލާވަތުގެ ސަޖިދަކުރަން ހިތަށް އެރުވުމުން ފުދޭނެއެވެ. ކޮޅަށް ތެދުވާކަށް، އަދި ހަށަންބަންނާކަށް، އަދި ސަޖިދައަށް ދާން ތަކްބީރު ކިޔާކަށް، އަދި ކޮނޑާ ހަމައަށް އަތް އުފުލާކަށް ނުޖެހޭނެއެވެ. އެއީ މިއިން އެއްވެސްކަމެއް ކުރުމަށް ދަލީލަކުން އައިސްފައި ނުވާތީއެވެ. ސަޖިދާގައި އޮންނައިރު ސަޖިދާގައި ޖައްސަންޖެހޭ ހުރިހާ ގުނަވަނެއް ރަނގަޅަށް ޖައްސަންޖެހޭނެއެވެ. އެއް އަތުން މުޞްޙަފު ހިފަހައްޓައިގެން ސަޖިދަކުރުމަކީ އައިސްފައިވާ ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި ސަޖިދަކުރާނީ މުޞްޙަފު ތަނެއްގައި ބާއްވާފައެވެ. މި ސަޖިދާގައި ވާޖިބުވެގެންވަނީ ((سُبْحَانَ رَبِّيَ الأَعْلَى)) ނުވަތަ މިނޫންވެސް ސަޖިދާގައި ކިޔުމަށް ވާރިދުވެފައިވާ ޒިކުރެއް އެއްފަހަރު ކިޔުމެވެ. ސަޖިދާގައި ކިޔުމަށް ވާރިދުވެފައިވާ އިތުރު ޒިކުރެއް ކިޔުމަކީ މޮޅުއިތުރު ގޮތެކެވެ. ޚާއްޞަކޮށް އަންނަނިވި ދުޢާތައް ތިލާވަތުގެ ސަޖިދާގައި ކިޔުމަށް އައިސްފައިވާ ޙަދީޘްތައް ބައެއް ޢިލްމުވެރިން ޞައްޙަކުރައްވައެވެ. އެ ދުޢާ އަކީ ((سَجَدَ وَجْهِي لِلَّذِي خَلَقَهُ، وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِهِ، فَتَبَارَكَ اللهُ أَحْسَنُ الْخَالِقِيْن)) (رواه أبو داود، والترمذي، والنسائي، والحاكم وصححه الألباني) މާނައީ: "އެ ފަރާތެއްގެ ކުޅަދުންވަންތަކަމާއި، ބާރުފުޅުން މިއަޅާގެ މޫނު ހައްދަވައި، އެ މޫނުގެ އިވުމާއި ފެނުން ހާމަކުރެއްވި ފަރާތަށް މިއަޅާގެ މޫނު ސަޖިދަކޮށްފިއެވެ. ފަހެ ﷲގެ މަތިވެރިކަމާއެވެ! އެއީ އެންމެ ރިވެތިކޮށް ހައްދަވައި ޚަލްޤުކުރައްވާ ފަރާތެވެ." އެހެން ދުޢާއެއްގައި އައިސްފައިވެއެވެ. ((اللَّهُمَّ اكْتُبْ لِي بِهَا عِنْدَكَ أَجْرًا، وَضَعْ عَنِّي بِهَا وِزْرًا، وَاجْعَلْهَا لِي عِنْدَكَ ذُخْرًا، وَتَقَبَّلْهَا مِنِّي كَمَا تَقَبَّلْتَهَا مِنْ عَبْدِكَ دَاوُدَ)) (رواه الترمذي، وابن ماجه، والحاكم) މާނައީ: "އޭ ﷲ! މި އަޅާއަށް މި ސަޖިދައިގެ ސަބަބުން އިބަﷲގެ ޙަޟްރަތުގައި އަޖުރެއް ލިޔުއްވާނދޭވެ! އަދި މި ސަޖިދައިގެ ސަބަބުން މި އަޅާގެ ކިބައިން ފާފައެއް ފުއްސަވާނދޭވެ! އަދި އިބަﷲގެ ޙަޟްރަތުގައި މި އަޅާއަށްޓަކައި ފަހަށް ރައްކާކުރެވިފައިވާ ހެޔޮޢަމަލެއްކަމުގައި މި ސަޖިދަ ލައްވާނދޭވެ! އަދި އިބަﷲގެ އަޅާ ކަމުގައިވާ ދާވޫދުގެފާނުގެ ކިބައިން މި ސަޖިދަ ޤަބޫލުކުރެއްވިފަދައިން މި އަޅާގެ ކިބައިންވެސް މި ސަޖިދަ ޤަބޫލުކުރައްވާނދޭވެ!"
ދެން ސަޖިދައިން ތެދުވާނީއެވެ. ސަޖިދައިން ތެދުވާއިރު ތަކްބީރު ކިޔާކަށް ނުޖެހޭނެއެވެ. އަދި އައްތަޙިއްޔާތު ކިޔާކަށް އަދި ސަލާމް ދޭކަށްވެސް ނުޖެހޭނެއެވެ. އެއީ މިއިން އެއްވެސްކަމެއް ކުރުމަށް ދަލީލަކުން އައިސްފައި ނުވާތީއެވެ.
ނަމާދުގެ ތެރޭގައި ތިލާވަތުގެ ސަޖިދަކުރުމާބެހޭގޮތުން އައިސްފައިވެއެވެ. އަބޫ ރާފިޢު ވިދާޅުވިއެވެ. ތިމަން އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ ފަހަތްޕުޅުގައި ނަމާދުކުރެއްވީމެވެ. އެކަލޭގެފާނު سُوْرَةُ الانْشِقَاق ކިޔަވާ ވިދާޅުވިއެވެ. އަދި (ތިލާވަތުގެ) ސަޖިދަކުރެއްވިއެވެ. ތިމަން ދެންނެވީމެވެ. "މިއީ ކޮންކަމެއްތޯއެވެ؟" އެހިނދު ވިދާޅުވިއެވެ. "އަބުލް ޤާސިމް صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ފަހަތްޕުޅުގައި ތިމަން ސަޖިދަކުރީމެވެ. އަދި އެކަލޭގެފާނު އަވަހާރަވުމަށްފަހުގައިވެސް ތިމަން އެ ސަޖިދަ ކުރަމެވެ." (البخاري ومسلم)
ނަމާދުގެ ތެރޭގައި ތިލާވަތުގެ ސަޖިދައަށް ދާއިރުގައްޔާއި ސަޖިދައިން ތެދުވާއިރު ތަކްބީރު ކިޔުން ޝަރުޢުވެގެންވެއެވެ. އެއީ ނަމާދުގެ ކޮންމެ ތިރިވުމަކަށާއި ތެދުވުމަކަށް ތަކްބީރުކިޔުމަށް ޢާއްމުކޮށް ދަލީލުތަކުން އައިސްފައި ވާތީއެވެ. އެހެންނަމަވެސް، ތިލާވަތުގެ ސަޖިދައަށް ދިޔުމަށް ތަކްބިރު ކިޔާއިރު ކޮނޑާހަމައަށް އަތް އުފުލުމަށް ދަލީލެއް ޚާއްޞަކޮށް އައިސްފައިނުވާތީ އަތް އުފުލުމެއް ނެތެވެ. ނަމާދުގެ އެހެން ސަޖިދަތަކާ މި ސަޖިދައާ ވަކި ތަފާތުކަމެއް އައިސްފައެއް ނުވެއެވެ. އަދި ނަމާދުގެ ތެރޭގައި ތިލާވަތުގެ ސަޖިދަގައި ޒިކުރުތައް ކިޔާނީ ކުރިން ބަޔާންވެ ދިޔަ ގޮތަށެވެ.