ޖިންނި މޮޔަވެފައިވާ މީހަކުފަދައިން ކަށްވަޅުން ނުކުންނަ މީހާ

އައްޝައިޚް މުހައްމަދު ސިނާން

އިތުރަށް ވިދާޅުވުމަށް

ރިބާކެއުމަކީ ނުބައިގެންވާ ބޮޑެތި ހަތް ފާފަތަކުގެ ތެރެއިންވާ ފާފައެކެވެ. މާތް ﷲއާއި އެކަލާނގެ ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّم އެމީހަކާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކުރައްވާފައިވާ މީހެކެވެ. ރިބާގެ މުޢާމަލާތުގެ ނުބައިކަން ބަޔާންކުރައްވާ ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. ((الرِّبَا ثَلَاثَةٌ وَسَبْعُونَ بَابًا، وَأَيْسَرُهَا مِثْلُ أَنْ يَنْكِحَ الرَّجْلُ أُمَّهُ، وَإِنَّ أَرْبَى الرِّبَا عِرْضُ الرَّجْلِ الـمُسْلِمِ)) (ابن ماجة والحاكم، وصححه الذهبي و الألباني) މާނައީ: "ރިބާގެ 73 ދަރަޖައެއް ވެއެވެ. (ފާފައިގެ ގޮތުން) އެންމެ ލުއި ވައްތަރުގެ މިސާލަކީ މީހަކު އޭނާގެ މަންމައާ ކައިވެނި ކުރުންފަދައެވެ. އަދި އެންމެ ނުބައިކަން ބޮޑުވެގެންވާ ރިބާއަކީ މުސްލިމެއްގެ އަބުރަށް އަރައިގަތުމެވެ." ރިބާ ކާމީހުންނަށް ކަށްވަޅުގައިވެސް ޢުޤޫބާތް ދެއްވެއެވެ. އެއްރެއަކު ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّم އަށް ފެނިވަޑައިގެންނެވި ހުވަފެންފުޅެއްގައި ކޯރެއްގައި ފަތަފަތާ އޮތް މީހަކު އޮތެވެ. އަދި އެ ކޯރުގެ އައްސޭރިފަށުގައި ގާތަކެއް އެއްކޮށްގެންހުރި މީހަކު ހުއްޓެވެ. އެ ކޯރުން އެރުމަށްޓަކައި އެ ފަތަމުން އަންނަމީހާ ކޯރުގެ އައްސޭރިއާ އަރާހަމަވާ އިރަށް އައްސޭރިފަށުގެ ހުރިމީހާ އެތަނުން ގާގަނޑެއް ނެގުމަށްފަހު އެމީހާއާ ދިމާލަށް އެއްލައެވެ. އެ ގާގަނޑު އެމީހާގެ އަނގަތެރެއަށް ވަދެ އަލުން އެމީހާ އޮތް ހިސާބަށް ފޮނުވާލައެވެ. މިގޮތަށް ތަކުރާރުވޭވޭ ހުރެއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم އެ ފަތަފަތާއޮތް މީހާއާ ބެހޭގޮތުން ޖިބްރީލްގެފާނާ ސުވާލުކުރެއްވުމުން ޖިބްރީލްގެފާނު ޖަވާބުދެއްވީ އެއީ ރިބާ ކައިއުޅުނު މީހެއްކަމަށެވެ. ޤިޔާމަތާޖެހެންދެން އެ ޢުޤޫބާތް އެމީހަކަށް ލިބިލިބި ހުންނާނެކަމުގައެވެ. سُبْحَانَ الله!

ރިބާކައިއުޅުނުމީހުން ޤިޔާމަތް ދުވަހު ވާނެ ޙާލަކީ ކޮބާތޯ؟ އެފަދަ މީހުން ކަށްވަޅުން ތެދުވެގެން މަޙްޝަރުގެ މައިދާނަށްވެސް އަންނާނީ ނުބައި ޙާލަތަކައިގެންނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ((الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ)) (البقرة: 275) މާނައީ: "ރިބާކާމީހުން، ޖިންނި މޮޔަވެގެން، ޝައިޠާނާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (ޤިޔާމަތްދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ." މިފަދަ ބައެއްގެ އަބާއްޖަވެރިކަމާއެވެ.

ރިބާކާ މީހުންނެކޭ އެއްފަދައިން ރިބަވީ ލޯނުތައް ނަގާމީހުން މާތް ﷲއަށް ބިރުވެތިނުވަނީ ހެއްޔެވެ؟ އެ ނުބައިވެގެންވާ މުޢާމަލާތުކޮށްގެން ތިމާގެ އަނބިދަރިންނަށް ކާންބޯންދީ، ބޯހިޔާވަހިކަން ދީ، ކިޔަވައިދީ ހެދުމަށް ރުހޭނީ ފަހެ ކާކުތޯއެވެ؟ ރިބާކާމީހުންނެކޭ ރިބާ ދޭމީހުންނެކޭ ފާފައިގެ ގޮތުން ހަމަހަމަވެގެންވާކަމުގައި ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ވަނީ ޙަދީޘްކުރައްވާފައެވެ. މި ދެ ފަރާތުގެ މީހުންނަކީވެސް ޙަރާމް މުޢާމަލާތެއް ކުރާބައެއްގެ ސަބަބުން އެބައިމީހުންގެ ދުޢާ އިޖާބަވުމަށް ހުރަސް އެޅިގެންވާ ބައެއްކަން ނުވިސްނެނީ ބާވައެވެ. އަދި ރިބާކާމީހުންނާއި ރިބާ ދޭމީހުންނާއި ރިބާގެ މުޢާމަލާތް ލިޔެހަދާ ވަޒީފާތަކުގައި އުޅުމާއި އެފަދަ މުޢާމަލާތަކަށް ހެކިބަސްދިނުމަކީ އެބަޔަކަށް ލަޢުނަތް ހުރިކަމެކެވެ. ޢަބްދުﷲ ބުން މަސްޢޫދު رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ. ((آكِلَ الرِّبَا وَمُؤْكِلَهُ وَشَاهِدَيْهِ وَكَاتِبَهُ إذَا عَلِمُوا ذَلِكَ مَلْعُونُونَ عَلَى لِسَانِ مُحَمَّدٍ ﷺ يَوْمَ الْقِيَامَةِ)) (النسائي) މާނައީ: "ރިބާކާމީހާއާއި އެ ކާންދޭން މީހާއާއި އެކަމުގެ ދެ ހެކިވެރިންނަށާއި އޭގެ ލިޔެކިޔުން ލިޔާމީހާއަށް އެއީ ރިބާގެ މުޢާމަލާތެއްކަން އެނގިހުރެ އެކަންކޮށްފިނަމަ، އެބައިމީހުންނަކީ ޤިޔާމަތާ ޖެހެންދެން މުޙައްމަދު صَلَّى اللهُ عَلَيهِ وَسَلَّم ގެ ދޫފުޅުން އެބަޔަކަށް ލަޢުނަތް ލައްވާފައިވާ ބައެކެވެ." މި ޙަދީޘަށް ބަލާއިރު ރިބާގެ ލޯނުތަކާއި އިންޝިއުރެންސްތަކާއި އިންސްޓޯލްމަންޓްތައް ދޭ ފަރާތްތައް މިކަމާމެދު ބިރުވެތިވާންޖެހެއެވެ. ހަމައެހެންމެ، މި މުޢާމަލާތްތަކުގެ ޚިދުމަތް ހޯދާމީހުންނާއި، އެފަދަ ލިޔުންތަކާއި އެއްބަސްވުންތައް ލިޔެދީ އެކަމަށް ހެކިވާމީހުންވެސް ބިރުވެތިވާންޖެހެއެވެ.

ރިބާ ކައިއުޅޭމީހުންނާއި ރިބާގެ ލޯނުތައް ނަގާ ފަރާތްތަކަށް ފެންނަނީ އެފަދަ ލޯނުތަކުގެ ސަބަބުން ފައިދާތައްވެ، ވިޔަފާރިތައް ފެށި، ގެތައް އެޅި، ކިޔެވުން ކުރިއަށް ގެންދެވޭ މަންޒަރެވެ. އެހެންނަމަވެސް ރިބާގެ މުޢާމަލާތުގެ ބަރަކާތް މާތް ﷲ ވަނީ ކަނޑުއްވާ ނެތިކުރައްވާފައެވެ. އާޚިރުގައި ގެއްލުން ނޫނީ ޙާޞިލެއްނުވާނެއެވެ. ދުނިޔެމަތީގައި ނުލިބިއްޖެނަމަ އާޚިރަތްދުވަހުން އެކަމުގެ ގެއްލުން ލިބޭނެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ((يَمْحَقُ اللَّهُ الرِّبَا وَيُرْبِي الصَّدَقَاتِ)) (البقرة: 276) މާނައީ: "ﷲ، ރިބާ އުނިކުރައްވައި، އޭގެ ބަރަކާތް ނެތިކުރައްވައެވެ. އަދި، ޞަދަޤާތް އިތުރު ކުރައްވައެވެ."

ރިބާގެ ގެއްލުމާއި ނުރައްކާ އޮތީ ހަމައެކަނި އެކަން ކުރާ ބަޔަކަށް ނޫނެވެ. އެކަމުގެ ނުރައްކާ މުޖުތަމަޢުއަށްވެސް ކުރެއެވެ. އެ މުޖުތަމަޢެއް ﷲގެ ކޯފާއަށް ހުށަހޮޅިގެންދެއެވެ. ((مَا ظَهَرَ فِي قَوْمٍ الزِّنَا وَالرِّبَا؛ إِلَّا أَحَلُّوا بِأَنْفُسِهِم عَذَابَ اللهِ)) (أحمد، وأبو يعلى) މާނައީ: "ބައެއްގެ ތެރޭގައި ޒިނޭއާއި ރިބާ ފާޅުވެއްޖެނަމަ، އެބައެއްގެ ނަފްސުތައް ﷲގެ ޢަޛާބަށް ހުށަހޮޅިނުގަނެ ނުދެއެވެ."

ރިބާގެ މުޢާމަލާތްކުރުމަކީ ވަރަށް ކުރިންސުރެންވެސް ކުރަމުން އައިސްފައިވާ މުޢާމަލާތެކެވެ. ޖާހިލިއްޔަ ޒަމާނުގައިވެސް މި މުޢާމަލާތުކޮށް އުޅުނެވރިބާގެ ނުބައި މުޢާމަލާތްތަކުން ދުރުވުމާއި، މުޢާމަލާތެއް ކުރާއިރު ރިބާގެ މުޢާމަލާތެއް ނޫންކަން ކަށަވަރުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވާނެކަމެވެ. ފަހު ޒަމާނަށް އަންނަވަރަކަށް ރިބާގެ މުޢާމަލާތްތައް ޢާއްމުވާނެއެވެ.

ރިބާއަކީ ރިބާ ހިމެނޭ މުދަލުގެ ތެރެއިން ދަރަންޏަށް އެ އެއްޗެއް ދޭއިރު އިތުރުކޮށްފައި އަނބުރާ ދެއްކުމަށް ޝަރުޠުކުރުމެވެ. ނުވަތަ ދެ މުދާ ބަދަލުކުރާއިރު އެކަތި ފަސްކޮށްފައި ދިނުމެވެ. ޢާއްމު ގޮތެއްގައި މި ޒަމާނުގައި ޚާއްޞަކޮށް ރިބާގެ މުޢާމަލާތް ކުރެވެނީ ފައިސާއިންނެވެ. ތަފާތު އެކި ވަރުވަރުގެ ލޯނުތަކާއި އިންސްޓޯލްމަންޓްތަކާއި އިންޝިއުރެންސްތަކުގެ ނަމުގައެވެ. އެކަންކަން ރީތިކުރުމަށްޓަކައި "ލުއި ލޯނުތަކާއި" "ގެދޮރު ހެދުމުގެ ލޯނުތަކާއި" "ވިޔަފާރީގެ ލޯނުތައް" ފަދަ ނަންނަން ކިޔާއުޅެއެވެ. މިފަދަ ގިނަ ލޯނުތަކުގައި ރިބާގެ މުޢާމަލާތް ހިމެނެއެވެ. ކިތަންމެ ކުޑަ މިންވަރެއްގެ ރިބާ ހިމެނުނުނަމަވެސް އެވަނީ ރިބަވީ މުޢާމަލާތަކަށެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ދުނިޔަވީ މަންފައަކަށްޓަކައި މިފަދަ މުޢާމަލާތްތަކުގެ ތެރެއަށް ނުވަންނާށެވެ. މާތް ﷲ ހުއްދަކުރައްވާފައިވާ ގޮތުގައި ކަންކަން ކުރެވޭނެ މަގު މާތް ﷲ ވަނީ ދައްކަވާދެއްވާފައެވެ. އެފަދަ މުޢާމަލާތްތައް ނުކޮށް ކެތްތެރިވާށެވެ! މާތް ﷲއަށްޓަކައި ޙަރާމްކަމެއް ދޫކޮށްލައިފިމީހަކަށް އެއަށްވުރެ ހެޔޮކަމެއް މާތް ﷲ ދެއްވާނެއެވެ. ތިމާގެ އަމިއްލަ ނަފްސަށާއި ތިމާގެ އަނބިދަރިންނަށް އޯގާތެރިވެ، އެފަދަ ޙަރާމް މުދާތަކުގައި ޖެހުމުން ދުރުވެގަންނާށެވެ! ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރިކަން މާތް ﷲ ދެއްވާނީ އޭރުންނެވެ.

ޚިޔާލުތައް