ވިލާތަކުގައިވާ ޢަޖާއިބުކަން

އައްޝައިޚް މުހައްމަދު ސިނާން

އިތުރަށް ވިދާޅުވުމަށް

އުޑާއި ބިމާ ދެމެދުގައި ހިފެހެއްޓިފައިވާ ވިލާތަކާމެދު ވިސްނާލައި ފިކުރުކޮށްލީމުތޯ؟ އެ ވިލާތަކުގައިވާ ޢަޖައިބުކަމާމެދު އާޝޯޚު ނުވޭތޯ؟

ވިލާތަކަށް ބަލައިލާމީހުންގެ ލޯތަކަށާއި ހިތްތަކަށް ޢަޖައިބުކަން ގެނުވަނިވި އެއްވަގުތަކީ އިރުއަރަމުންދާ ވަގުތެވެ. ރޭގަނޑުގެ އަނދިރިކަމަށްފަހު، ފަތިހުގެ ފިނިކަމުގެ ތެރެއިން އިރުގެ ދޯދިތައް ވިލާތަކަށް އެޅިގެންދާވަގުތު އެ ދައްކުވައިދޭ މަންޒަރަކީ ޢަޖައިބުކުރުވަނިވި މަންޒަރެކެވެ. ފަތިހުގެ ހަމަހިމޭންކަމުގެ ތެރެއިން އުފާވެރިކަން ހިތަށް ލިއްބައިދެނިވި މަންޒަރެކެވެ.

ވިލާތައް އުޑުމަތީ އެތުރިލާފައި ހުންނަ ގޮތްތަކަކީވެސް އެހާމެ ޢަޖައިބުކުރުވަނިވި ކަމެކެވެ. ތަފާތު އެކި ޞޫރަތަކަށް ބަދަލުވަމުން އެދާދިޔުމަކީ ރީތި މަންޒަރުތަކެއް ޞިފަކޮށްދޭ ކަމެކެވެ. ކިޔަމަންތެރިވެގެންވާ ޙާލު، ވަޔާއެކު އެ ވިލާތައް ދަތުރުކުރާކުރުމަކީ މާތް ﷲގެ ކުޅަދުންވަންތަކަމުގެ މަތިވެރި ހެއްކެކެވެ. سُوْرَةُ الرُّوم ގެ 48 ވަނަ އާޔަތުގައިވެއެވެ. "ﷲ އީ، ވައިރޯޅިތައް ފޮނުއްވައި، އަދި އެ ވައިރޯޅިތައް ވިލާތައް އުފުލައި، އަދި އެކަލާނގެ އިރާދަކުރައްވާ ފަދައަކުން އުޑުގައި އެ ވިލާތައް ފަތުރުއްވައި، އަދި އެ ވިލާތައް ވަކިވަކިވެގެންދާ އެތިކޮޅުތަކެއް ކަމުގައި ލައްވާ ރަސްކަލާނގެއެވެ."

އިރު އޮއްސެންދާ ވަގުތަކީ ވިލާތަކަށް އެޅޭ ދޯދިތަކުން މުޅި އުޑުމަތި ޒީނަތްތެރިކޮށްދީ، ބަލާބަޔަކު ހައިރާންކުރުވަނިވި ވަގުތުކޮޅެކެވެ. ހަމައެހާމެ ބަލާލަން ހިތްގައިމު، ހިތަށް މަޑުމައިތިރިކަމާއި ހަމަޖެހުންގެނުވަނިވި ވަގުތުކޮޅެކެވެ.

ވިލާތަކުން އުޑުމަތި ޒީނަތްތެރިކޮށްދީ، ބަލާބަޔަކަށް އުފާވެރިކަން ގެނެސްދިނުމުގެ އިތުރުން އެއީ އިރުގެ ހޫނުކަމާއި ދޯދިން މީސްތަކުން ސަލާމަތްކޮށްދީ ހިޔާ އަޅައިދޭ އެއްޗެކެވެ. ހަމައެހެންމެ، ސާފުފެން ލިބުމާއި ފެން ނުލިބޭ ހިސާބުތަކަށް ފެން ފޯރުކޮށްދިނުމަށްޓަކައި މާތް ﷲ ލައްވަވާފައިވާ ޤުދުރަތީ އެއް ނިޒާމެވެ. ވާރޭ ވިލާތައް އުފެދިގެން އަންނަގޮތާމެދު ވިސްނާލައްވާށެވެ! މާތް ﷲ سُوْرَةُ النُّور ގެ 43 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވެއެވެ. "ހަމަކަށަވަރުން، ﷲ، ވިލާ ހިންގަވާތީ ތިބާ ނުދެކެމުތޯއެވެ؟ ދެން އެ ވިލާތައް އެއްކުރައްވައެވެ. ދެން މަތިމައްޗަށް ހުންނަ ވިލާތަކެއްކަމުގައި ލައްވައެވެ. ފަހެ، އެ ވިލާތަކުގެ ތެރެއިން، ވާރޭ ނުކުމެގެން އަންނާތީ ތިބާ ދެކޭނެއެވެ. އަދި އުޑުގައިވާ، ފަރުބަދަތައް ފަދަ ބިޔަ ވިލާތަކުން، އެކަލާނގެ ގަނޑުފެން ވެއްސަވައެވެ." މި ފުރިހަމަ ޢަޖައިބުކުރުވަނިވި ނިޒާމުގެ ތެރެއިން މީސްތަކުންނާއި ދިރުހުރި އެންމެހާ އެއްޗެއް ބޯނެ ފެން ދެއްވަވައެވެ. ގަސްގަހާގެއްސަށް ފެން ދެއްވަވައެވެ. މި ފެނުގެ ޒަރީޢާއިން މަރުވެފައިވާ ބިންތައް އެކަލާނގެ ދިރުއްވަވައެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ބޮޑެތި އެތައް ރަށެއްގައި ފެންބޮޑުވެ، އެތައް އިރަކު ވެހޭނެ ވަރަށް އަހަރެމެންގެ މަތީގައިވާ ވިލާތަކުގައި އެކަލާނގެ ވަނީ ފެން ލައްވަވާފައެވެ. ގުނާ ޢަދަދު ނުކުރެވޭނެ މިންވަރެއްގެ ފެނެވެ. އެ ހުރިހާ ފެނެއް ހޯސްލައިފައި އޮހިގެންފިކަމުގައިވާނަމަ މި ބިންމަތީގައިވާ ހުރިހާ އެއްޗެއް ހަލާކުވެ ދިޔައީހެވެ. ބޮޑެތި އެތައް ގެއްލުންތަކެއް ވީހެވެ. މާތް ﷲ އެކަލާނގެ މަޚްލޫޤުންނަށް ދެއްވާ ރައްކާތެރިކަމާއި ސަލާމަތްތެރިކަމުގެ ދަށުން އެކަލާނގެ އެފެން ވެއްސަވަނީ ތިކިތިކި ތަކެއްގެ ގޮތުގައެވެ.

ވިއްސާރަވިލާގަނޑެއް ފެނުމަކީ މީސްތަކުންނަށް އުފާވެރިކަން ގެނެސްދޭކަމެކެވެ. ޚާއްޞަކޮށް ވާރޭ ނުވެހި ގިނަދުވަސްވެފައިވުމާއި، ހޫނުގަދަ ދުވަސްތަކުގައެވެ. މިއާއެކު، އެފަދަ ވިލާގަނޑަކީ މާތް ﷲ ފޮނުއްވާ ޢަޒާބުގެ ޢަލާމާތެއްކަމުގައިވެސް ވެދެއެވެ. ޞަޙީޙުލް ބުޚާރީއާއި ޞަޙީޙު މުސްލިމްގައި ޢާއިޝާ رَضِيَ اللهُ عَنْهَا ގެ ކިބައިން އައިސްފައިވެއެވެ. "ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم އަށް ވިއްސާރަވިލާގަނޑެއް ފެނިވަޑައިގެންފިނަމަ ނުވަތަ ވައިޖެހެންފަށައިފިނަމަ އެކަލޭގެފާނުގެ މޫނުފުޅުގައިވާ ކަންބޮޑުވެވަޑައިގަތުމުގެ އަސަރުތަކުން އެކަން ފާޅުވެއެވެ. ތިމަންކަމަނާ ދެންނެވީމެވެ. ﷲ ގެ ރަސޫލާއެވެ! މީސްތަކުންނަށް ވިއްސާރަވިލާގަނޑެއް ފެނިއްޖެކަމުގައިވާނަމަ، ވާރޭވެހުމަށް ކުރާ އުއްމީދުގެ ސަބަބުން އެބައިމީހުން އުފާކުރެތެވެ. ނަމަވެސް، ތިމަންކަމަނާއަށް ކަލޭގެފާނުގެ މޫނުފުޅުން ފެންނަނީ ކަންބޮޑުވެވަޑައިގަތުމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ޢާއިޝާއެވެ! އެ ވިލާގަނޑުގައި ޢަޛާބެއް ނެތްކަމާމެދު އަމާންކަން ލިބޭނީ ކިހިނަކުން ހެއްޔެވެ؟ ވަރުގަދަ ވަޔަކުން ބަޔަކަށް ވަނީ ޢަޛާބު ދެއްވިފައެވެ. އެބައިމީހުންނަށް ޢަޛާބު ފެނުނުހިނދު އެބައިމީހުން ބުންޏެވެ. މިއީ ތިމަންމެންނަށް ވާރޭވެއްސައިދޭނޭ ވިލާގަނޑެކެވެ." އަނެއްބައި ރިވާޔަތްތަކުގައިވާގޮތުގައި އެކަލޭގެފާނަށް އެފަދަ ވިލާގަނޑެއް ފެނިވަޑައިގެންފިނަމަ، ކަންބޮޑުވެވަޑައިގެން ހިނދުކޮޅުކޮޅުން ގެކޮޅަށް ވަންނަވައި ގެކޮޅުން ނުކުންނަވައި ހައްދަވައެވެ. އަދި ވާރޭ ވެހިއްޖެކަމުގައިވާނަމަ އުފާކުރައްވައި "اللَّهُمَّ صَيِّبًا نَافِعًا" މިފަދައިން ވިދާޅުވެއެވެ. އަދި ވާރޭ ނުވެހި ވިލާގަނޑު ހިނގައްޖެކަމުގައިވާނަމަ މާތް ﷲއަށް ޙަމްދުކުރައްވައެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ވިސްނާފިކުރުކުރާ ބަޔަކަށް ވިލާތަކަކީ މާތް ﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ހެއްކެކެވެ. ވިލާތައް އުފެދުމާއި ދައުރުވަމުންދާ ދައުރުވުމުން ދޭހަކޮށްދެނީ މި ކާއިނާތު ޚަލްޤުކުރައްވައި، މި އެންމެހާކަމެއް ރާއްވަވައި ހިންގަވާ ފަރާތެއް ވާކަމެވެ. ވިލާތަކުން އަހަރެމެންނަށް ލިބޭ ފައިދާތަކަށާއި، އެ ވިލާތަކުން ލިބޭނެ ގެއްލުންތަކުުން އަހަރެމެން ރައްކާތެރިކޮށް ދެއްވާކަމަށްޓަކައި އެކަލާނގެއަށް އަހަރެމެން ޝުކުރުވެރިންވާންޖެހެއެވެ. ޢިބްރަތް ޙާޞިލުކޮށް ޝުކުރުވެރިވާ އަޅުންގެ ތެރޭގައި އަޅަމެން ލައްވާށި!

ޚިޔާލުތައް