ސަލާމްލެއްވި އިސްމާޢީލުގެފާނާއި، އިސްޙާޤުގެފާނު

އައްޝައިޚް މުހައްމަދު ސިނާން

އިތުރަށް ވިދާޅުވުމަށް

އިބްރާހީމްގެފާނުގެ ފުރަތަމަ ދަރިކަލުން އިސްމާޢީލު عليه السلام

ސަލާމްލެއްވި އިބްރާހީމުގެފާނަށްފަހު ﷲ ސުބްޙާނަހޫވަތަޢާލާ ނަބީބޭކަލުން ފޮނުއްވާފައިވަނީ އެކަލޭގެފާނުގެ ދަރިފަސްކޮޅުންނެވެ. ލޫޠު ޢަލައިހިއްސަލާމް ނަބީކަމާގެން ފޮނުއްވައި، އެކަލޭގެފާނު ދީނަށް ގޮވައިލެއްވުމުން ޤައުމުގެމީހުން އެކަލޭގެފާނުގެ ގޮވާލެއްވުން ދޮގުކޮށް، އީމާންނުވުމުން އެބައިމީހުން ހަލާކު ކުރެއްވުމާއި، ޝުޢައިބު ޢަލައިހިއްސަލާމް ފޮނުއްވައި، އެކަލޭގެފާނު ޤައުމުގެމީހުންނަށް ނަޞޭޙަތް ދެއްވައި، އެބައިމީހުން އެކަލޭގެފާނުގެ ނަޞޭޙަތް ޤަބޫލު ނުކުރުމުން އެބައިމީހުން ހަލާކު ކުރެއްވުމާއި، މިކަންތައްތަކަކީ އިބްރާހީމު ޢަލައިހިއްސަލާމުގެ ޒަމާނުގައި، އަދި އެކަލޭގެފާނުގެ ޒަމާނާއި ވަރަށްކައިރީގައި ހިނގާފައިވާ ޙާދިސާތަކެކެވެ.

އިބްރާހީމުގެފާނަށް އެންމެ ފުރަތަމަ ލިބި ވަޑައިގެންނެވި ދަރިކަލުންނަކީ އިސްމާޢީލް ޢަލައިހިއްސަލާމެވެ. އިސްމާޢީލުގެފާނަކީ، މިޞްރުގެ އަންހެން ބޭކަނބަލެއްކަމުގައިވާ  هَاجَرُ الْقِبْطِيَّة އާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް ދަރިކަލުންނެވެ. ހާޖަރަކީ އިބްރާހީމުގެފާނުގެ އަނބިކަނބަލުން ސާރާ އާ، އެ ދުވަސްވަރު މިޞްރުގެ ރަސްގެފާނާ ދެމެދު ހިނގައިދިޔަ ޙާދިޘާއަކަށްފަހު، ރަސްގެފާނު ސާރާއަށް ވެދުމަކަށް އެރުވި ޖާރިޔާއެކެވެ. އެ ކަމަނާއަކީ މިޞްރުގެ މާތް އަންހެނުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭކަނބަލެކެވެ.

އިބްރާހީމުގެފާނަށް އިސްމާޢީލުގެފާނު ލިބިވަޑައިގަތީ އެކަލޭގެފާނުގެ ޢުމުރުފުޅުން 86 އަހަރުފުޅުގައިކަމަށް ރިވާވެގެން އައިސްފައިވެއެވެ. ދަރިކަލަކު ލިބިވަޑައިނުގެން ހުންނަވައި، މުސްކުޅިފުޅުވީފަހުން ލިބިވަޑައިގެންނެވި ފުރަތަމަ ދަރިކަލުންނެވެ. އެހެންކަމުން، އިސްމާޢީލުގެފާނަކީ އިބްރާހީމުގެފާނުގެ ދޮށީ ދަރިކަލުންނެވެ. ﷲ ސުބްޙާނަހޫވަތަޢާލާ، އިބްރާހީމުގެފާނަށް، ހުވަފެންފުޅުގައި ދަރިކަލުން ޛަބަޙަކުރައްވާތީ ދެއްކެވި ދަރިކަލުންނަކީ އިސްމާޢީލުގެފާނެވެ. އެ ހުވަފެންފުޅާ އެކުގައި، އިސްމާޢީލުގެފާނު ޛަބަޙަކުރެއްވުމުގެ ޙާދިސާ ހިނގައިގެންދިޔައެވެ. މިއާޚިލާފަށް، އަހުލުކިތާބީންގެ ބައެއް ފޮތްތަކުގައި ޛަބަޙަކުރެވުނު ޙާދިސާ ހިނގާފައިވާ ދަރިކަލުންނަކީ އިސްޙާޤުގެފާނު ކަމުގައި ބަޔާންވެފައި ވެއެވެ. އެހެންނަމަވެސް،  ޞައްޙަމަގުން ފެންނަންހުރި އަސަރުތަކާއި ދަލީލުތަކަށް ބަލާއިރު ޛަބަޙަކުރުމުގެ ޙާދިސާ ހިނގާފައިވަނީ އިސްމާޢީލުގެފާނާ މެދުގައިކަން ޔަޤީންވެގެންދެއެވެ.

އިސްމާޢީލުގެފާނުގެ މާތްކަން

ﷲ ސުބްޙާނަހޫވަތަޢާލާ، ކީރިތި ޤުރްއާނުގެ އެކި އާޔަތްތަކުގައި އިސްމާޢީލުގެފާނުގެ ވާހަކަ ބަޔާންކުރައްވާފައި ވެއެވެ. މިގޮތުން އެކަލޭގެފާނަކީ ޙިލްމުވެރި، ކެތްތެރި، ވަޢުދަށް ވަފާތެރި ނަމާދުތަކަށް ރައްކާތެރިވާ، އަދި އެކަލޭގެފާނުގެ އަހުލުންނަށް ނަމާދުކުރުމަށް އަމުރުފުޅު ކުރައްވާ ބޭކަލަކުކަމުގައި ސިފަކުރައްވާފައި ވެއެވެ. މިކަން ބަޔާންކުރައްވައި ﷲ ސުބްޙާނަހޫވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ((فَبَشَّرْنَاهُ بِغُلَامٍ حَلِيمٍ)) (الصافات: 101) މާނައީ: "ފަހެ، ތިމަންރަސްކަލާނގެ (އެކަލޭގެފާނުގެ ދުޢާ އިޖާބަކުރައްވައި) ޙިލްމުވެރި ދަރިކަލަކު ދެއްވާނެކަމުގެ އުފާވެރި ޚަބަރު އެކަލޭގެފާނަށް ދެއްވީމެވެ." މިއީ، ﷲ ސުބްޙާނަހޫވަތަޢާލާ އިބްރާހީމުގެފާނަށް ޙިލްމުވެރި ދަރިކަލަކު ދެއްވާނެކަމުގެ އުފާވެރި ޚަބަރުދެއްވި ވާހަކައެވެ. އެ ދަރިކަލަކީ އިސްމާޢީލުގެފާނު ކަމުގައި ޞައްޙަމަގުން އައިސްފައިވެއެވެ. އެހެން އާޔަތެއްގައި ﷲ ސުބްޙާނަހޫވަތަޢާލާ އެކަލޭގެފާނަށް ތަޢުރީފުކުރައްވައި ވަޙީކުރައްވާފައި ވެއެވެ. ((وَاذْكُرْ فِي الْكِتَابِ إِسْمَاعِيلَ ۚ إِنَّهُ كَانَ صَادِقَ الْوَعْدِ وَكَانَ رَسُولًا نَّبِيًّا)) (مريم: 54) މާނައީ: "ކަލޭގެފާނު މި ފޮތުން އިސްލާޢީލުގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، ވަޢުދު ފުއްދުމުގައި ތެދުވެރިޔަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އަދި ރަސޫލަކު ކަމުގައްޔާއި، ނަބިއްޔަކު ކަމުގައި އެކަލޭގެފާނުވިއެވެ." މި އާޔަތުގައި ﷲ ސުބްޙާނަހޫވަތަޢާލާ ބަޔާންކޮށް ދެއްވާފައި މިވަނީ، އިސްމާޢީލުގެފާނަކީ ވަޢުދު ފުއްދުމުގައި ތެދުވެރިވެވަޑައިގަންނަވާ، ނަބިއްޔެއް އަދި ރަސޫލެއް ކަމުގައެވެ. އަދި، އެހެން އާޔަތެއްގައި އެކަލޭގެފާނު، އެކަލޭގެފާނުގެ ދަޢުވަތުގައި ކުރައްވާފައިވާ ބައެއް މަސައްކަތްޕުޅުތަކުގެ ވާހަކަ ބަޔާންކުރައްވާފައި ވެއެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. ((وَكَانَ يَأْمُرُ أَهْلَهُ بِالصَّلَاةِ وَالزَّكَاةِ وَكَانَ عِندَ رَبِّهِ مَرْضِيًّا)) (مريم: 55) މާނައީ: "އަދި އެކަލޭގެފާނުގެ އަހުލުވެރިންނަށް، ނަމާދު ކުރުމަށާއި، ޒަކާތް ދީ އުޅުމަށް، އެކަލޭގެފާނު އަމުރު ކުރައްވާ ކަމުގައިވިއެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި، ރުއްސުންލައްވާފައިވާ ބޭކަލަކު ކަމުގައި އެކަލޭގެފާނުވިއެވެ." މި އާޔަތުގައި ﷲ ތަޢާލާ ބަޔާންކޮށް ދެއްވާފައި މިވަނީ، އިސްމާޢީލުގެފާނު އެކަލޭގެފާނުގެ އަހުލުވެރިންނަށް ނަމާދުކުރުމަށާއި، ޒަކާތް ދިނުމަށް އަމުރު ކުރައްވާ ވާހަކަ، އަދި އެކަންތައްތަކުގެ ސަބަބުން، އެކަލޭގެފާނަކީ ﷲގެ ޙަޟްރަތުގައި، އެކަލާނގެ ރުއްސެވުން ލިބިވަޑައިގެންފައިވާ ބޭކަލަކުކަމުގައެވެ. މި އާޔަތުން އަޅުގަނޑުމެންނަށް އެނގިގެންދާ ޙަޤީޤަތަކީ، ކުރީގެ އުއްމަތްތަކުގެ މީހުންނަށްވެސް ނަމާދުކުރުމާއި ޒަކާތްދިނުން ފަރްޟު ކުރެއްވިކަމެވެ. އެހެންކަމުން މިއީ ލިބިގެންދާ ޢިބްރަތްތެރި ފިލާވަޅެކެވެ. އަޅުގަނޑުމެންވެސް، އަހުލުވެރިންނަށާއި ޢާއިލާގެ މީހުންނަށް ނަމާދުކުރުމަށާއި ޒަކާތްދިނުމާއި، އަދި މިނޫންވެސް ހެޔޮކަންތައްތައް ކުރުމަށް ގޮވާލައި އެކަމަށް އަމުރުކުރާ ބަޔަކަށް ވާންޖެހޭކަމެވެ.

މީގެ އިތުރުން، އެހެނިހެން ނަބީބޭކަލުންނާއެކުގައި އިސްމާޢީލުގެފާނުގެ ނަންފުޅު މާތް ﷲ ވަނީ ގެންނަވާފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ((وَاذْكُرْ إِسْمَاعِيلَ وَالْيَسَعَ وَذَا الْكِفْلِ ۖ وَكُلٌّ مِّنَ الْأَخْيَارِ)) (ص: 48) މާނައީ: "އަދި އިސްލާޢީލުގެފާނާއި، އަލްޔަސަޢުގެފާނާއި، ޛުލްކިފްލިގެފާނު ހަނދުމަކުރައްވާށެވެ! އެހުރިހާ ބޭކަލުންވަނީ ހެޔޮލަފާމީހުންގެ ތެރެއިންނެވެ." އަދި، ހަމަމިފަދައިން އެކަލޭގެފާނަކީ ކެތްތެރިވެވަޑައިގަންނެވި، މާތް ﷲ ރަޙްމަތްލައްވާފައިވާ ޞާލިޙުންގެ ތެރެއިންވާ ބޭކަލެއްގެ ގޮތުގައި މާތް ﷲ ޞިފަކުރައްވާފައި ވެއެވެ. ((وَإِسْمَاعِيلَ وَإِدْرِيسَ وَذَا الْكِفْلِ ۖ كُلٌّ مِّنَ الصَّابِرِينَ * وَأَدْخَلْنَاهُمْ فِي رَحْمَتِنَا ۖ إِنَّهُم مِّنَ الصَّالِحِينَ)) (الأنبياء: 85، 86) މާނައީ: "އަދި އިސްލާޢީލުގެފާނާއި، އިދްރީސުގެފާނާއި، ޛުލްކިފްލިގެފާނު ހަނދުމަކުރާށެވެ! އެއިން ކޮންމެ ބޭކަލަކުވަނީ، ކެތްތެރިންގެ ތެރެއިންނެވެ. އަދި އެބޭކަލުން ތިމަންރަސްކަލާނގެ ރަޙްމަތުގެ ތެރެޔަށް ވެއްދެވީމެވެ. ހަމަކަށަވަރުން، އެބޭކަލުންވަނީ، ޞާލިޙުންގެ ތެރެއިންނެވެ." މި އާޔަތްތަކުގައި ﷲ ސުބްޙާނަހޫވަތަޢާލާ ބަޔާން ކޮށްދެއްވާފައިވަނީ، އެބޭކަލުންނީ ވަނީ ޞާލިޙު އަދި ކެތްތެރިންގެ ތެރެއިންކަމުގައެވެ. އަދި ހަމައެފަދައިން ﷲ ސުބްޙާނަހޫވަތަޢާލާ އެހެނިހެން ނަބީބޭކަލުންނާއެކުގައި އެކަލޭގެފާނުގެ ނަންފުޅު ޛިކުރު ކުރައްވާފައިވެއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ((إِنَّا أَوْحَيْنَا إِلَيْكَ كَمَا أَوْحَيْنَا إِلَىٰ نُوحٍ وَالنَّبِيِّينَ مِن بَعْدِهِ ۚ وَأَوْحَيْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَعِيسَىٰ وَأَيُّوبَ وَيُونُسَ وَهَارُونَ وَسُلَيْمَانَ ۚ وَآتَيْنَا دَاوُودَ زَبُورًا)) (النساء: 163) މާނައީ: "ނޫޙުގެފާނަށާއި، އެކަލޭގެފާނުގެ ފަހުން ތިއްބެވި ނަބީބޭކަލުންނަށް، ތިމަންރަސްކަލާނގެ ވަޙީ އިއްވެވިފަދައިން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށްވެސް ވަޙީ އިއްވެވީމެވެ. އަދި، އިބްރާހީމުގެފާނަށާއި، އިސްލާޢީލުގެފާނަށާއި، އިސްޙާޤުގެފާނަށާއި، ޔަޢުޤޫބުގެފާނަށާއި، އެކަލޭގެފާނުންގެ އަސްބާޠުންނަށާއި، ޢީސާގެފާނަށާއި، އައްޔޫބުގެފާނަށާއި، ޔޫނުސުގެފާނަށާއި، ހާރޫނުގެފާނަށާއި، ސުލައިމާނުގެފާނަށްވެސް، ތިމަންރަސްކަލާނގެ ވަޙީ އިއްވެވީމެވެ. އަދި، ދާވޫދުގެފާނަށް ތިމަންރަސްކަލާނގެ ޒަބޫރު ދެއްވީމެވެ." އަދި މިނޫންވެސް އެތައް އާޔަތެއްގައި އިސްމާޢީލުގެފާނުގެ ނަންފުޅު އައިސްފައިވެއެވެ.

އިސްމާޢީލުގެފާނު ޢަރަބިންގެ ތެރޭގައި ހިމެނިވަޑައިގަތުން

އިންސާނުންގެ ތެރޭގައި ވަރަށް ކުރިންސުރެ ޢަރަބި ނަސްލު އައިސްފައިވެއެވެ. ޢިލްމުވެރިން ބަޔާން ކުރައްވާފައިވާ ގޮތުގައި ދެ ބާވަތެއްގެ ޢަރަބިން، ނުވަތަ ޢަރަބިން ދެ ބަޔަކަށް ބެހިގެން ވެއެވެ. އޭގެ އެއްބަޔަކީ "العَرَبِيَّةُ الْعَارِبَة" އެވެ. އެއީ އިސްމާޢީލުގެފާނުގެ ކުރިން ތިބި ޢަރަބީންނެވެ. މި ބައިގެ ޢަރަބިންގެ ތެރޭގައި ސަލާމްލެއްވި ހޫދުގެފާނުގެ ޤައުމުގެމީހުންނާއި، ސަލާމްލެއްވި ޞާލިޙުގެފާނުގެ ޤައުމުގެ މީހުންނާއި، ސަލާމްލެއްވި ޝުޢައިބުގެފާނުގެ ޤައުމުގެމީހުންނާއި، ޤަޙްޠާނުވަންހައިގެ މީހުންނާއި ޖުރުހުމްވަންހައިގެ މީހުން ހިމެނެއެވެ. ދެވަނަ ވައްތަރުގެ ޢަރަބިންނަކީ "العَرَبِيَّةُ الْـمُسْتَعْرَبَة" އެވެ. މިއީ އިސްމާޢީލުގެފާނުގެ ނަސްލުން އައިސްފައިވާ ޢަރަބީންނެވެ. އިސްމާޢީލްގެފާނަކީ ޢަރަބި ނަސްލުގެ ބޭކަލެއް ނޫނެވެ.

ސަލާމްލެއްވި އިބްރާހީމުގެފާނަކީ ޢަރަބީންގެ ތެރެއިންވި ބޭކަލެއްނޫނެވެ. އެކަލޭގެފާނަކީ ކަންޢާނީންގެ ތެރެއިން ވަޑައިގެންނެވި ބޭކަލެކެވެ. އިބްރާހީމުގެފާނު، އެކަލޭގެފާނުގެ އަނބިކަނބަލުން ހާޖަރާއި ތުއްޕުޅު ދަރިކަލުން އިސްމާޢިލުގެފާނާގެން މައްކާއަށް ދަތުރުފުޅު ކުރައްވައި، އެ ދެމައިކަނބަލުން މައްކާގައި ވަޒަންވެރި ކުރެއްވެވިއެވެ. އޭރު މައްކާގެ ބިމަކީ އެއްވެސްބަޔަކު ދިރިއުޅޭތަނެއް ނޫނެވެ. ހަނަފަސް ސަހަރާއެކެވެ. އެތަނަށް ހާޖަރާއި އިސްމާޢީލުގެފާނު ދޫކުރައްވައި އިބްރާހީމުގެފާނު ވަޑައިގެންނެވިފަހުން، އެބޭފުޅުންގެ އަރިހަށް ޖުރުހަމްވަންހައިގެ ބަޔަކު ހިޖުރަކުރިއެވެ. ޖުރުހަމްވަންހައިގެ މީހުންނަކީ ކުރީގެ ޢަރަބީންގެ ތެރޭގައި ހިމެނޭ ޤަބީލާއެކެވެ. އެ ޤަބީލާގެމީހުން އައިސް މައްކާގައި ވަޒަންވެރި ވިއެވެ. އެމީހުން އުޅެމުންދިޔައީ އިސްމާޢީލުގެފާނުގެ ދެމައިކަނބަލުންނާ އެކުގައެވެ. އެބައިމީހުންގެ ފަރާތުން އިސްމާޢީލުގެފާނު ރަނގަޅަށް ޢަރަބިބަސް ދަސްކުރެއްވެވިއެވެ.

އިސްމާޢީލުގެފާނުގެ އަރިހަށް އިބްރާހީމްގެފާނު ވަޑައިގެންނެވުން

ސަލާމްލެއްވި އިސްމާޢީލުގެފާނާ ބެހޭގޮތުން ބަޔާންވެ އައިސްފައިވާ ވާހަކަތަކުގެ ތެރޭގައި ވެއެވެ. އިސްމާޢީލުގެފާނު އެންމެ ފުރަތަމަ ކައިވެނި ބައްލަވައިގެން ދިރިއުޅުއްވަން ފެއްޓެވީ އަމާލީޤުންގެ އަންހެން ބޭކަނބަލަކާއެވެ. އަމާލީޤުންނަކީ ޤަބީލާއަކަށް ކިޔާ ނަމެކެވެ. އެކަމަނާއާ ކައިވެނިބައްލަވައިގެން ދިރިއުޅުއްވި ދުވަސްވަރުގައި، އެއްދުވަހަކު އެކަލޭގެފާނުގެ ބައްޕާފުޅު އިބްރާހީމުގެފާނު މައްކާއަށް ވަޑައިގެން، ދަރިކަލުންގެ ޙާލު ބެއްލެވުމަށް އެގެއަށް ވަޑައިގެންނެވިއެވެ. އެވަގުތު އިސްމާޢީލުގެފާނުވީ ޝިކާރަ ކުރައްވަން ވަޑައިގެން ބޭރުގައެވެ. އެގެއިން އިބްރާހީމުގެފާނާ ބައްދަލުވެވަޑައިގަތީ އިސްމާޢީލުގެފާނުގެ އަނބިކަނބަލުންނާއެވެ. އިސްމާޢީލުގެފާނުގެ އަނބިކަނބަލުންނަށް އެއީ އިސްމާޢީލުގެފާނުގެ ބައްޕާފުޅުކަމެއް އެނގިވަޑައެއް ނުގަންނަވައެވެ. އިބްރާހީމުގެފާނު އެކަމަނާއާ ބައްދަލު ކުރައްވައި، އިސްމާޢީލުގެފާނު ކޮބައިތޯއާއި، ކޮންތާކުތޯ ވަޑައިގެންވީ ސުވާލުކުރެއްވިއެވެ. އަދި ހަމައެފަދައިން ޙާލު އަޙުވާލު އައްސަވައި ދިރިއުޅުން ކިހިނެއްތޯ ސުވާލު ކުރެއްވިއެވެ. އެހިނދު ޙާލު ރަނގަޅު ނޫންކަމާއި ދިރިއުޅުންވެސް ރަނގަޅު ނޫންކަމާއި، އަދި ދިރިއުޅުން ތަނަވަސް ކުރެއްވުމަށް އިސްމާޢީލުގެފާނު މަސައްކަތް ނުކުރައްވާކަމަށް އެ ކަމަނާ ދެންނެވިއެވެ. އެ ކަމަނާ މިގޮތަށް ދެންނެވުމުން، އިބްރާހީމުގެފާނު އެ ކަމަނާއަށް ވިދާޅުވިއެވެ. "އިސްމާޢީލުގެފާނަށް، ތިމަންކަލޭގެފާނުގެ ސަލާމް ދަންނަވާށެވެ! އޭގެފަހުގައި، އެވެނި މިވެނި ސިފައެއްހުރި، ޢުމުރުން ދުވަސްވީ މީހަކު މިގެއަށް އައިސް، ޙާލުއަޙުވާލު އެހުމަށްފަހު، މިގޭގެ އޮޅިގަނޑު ރަނގަޅު ނޫންކަމަށާއި، އެ އޮޅިގަނޑު ބަދަލުކުރެއްވުމަށް ދަންނަވާ ދޭށެވެ!" އެފަދައިން ވިދާޅުވުމަށްފަހު، އިބްރާހީމްގެފާނު ވަޑައިގެންނެވިއެވެ. އިސްމާޢީލުގެފާނު ގެކޮޅަށް ވަޑައިގަތުމުން، އެ ވާހަކަ އެކަމަނާ އިސްމާޢީލުގެފާނަށް ދެންނެވިއެވެ. އެހިނދު އިސްމާޢީލުގެފާނު ވިދާޅުވިއެވެ. "އެއީ، ތިމަންކަލޭގެފާނުގެ ބައްޕާފުޅެވެ. އެވިދާޅުވީ ކަމަނާގެ ވާހަކައެވެ. ކަމަނާ، ކަމަނާގެ އަހުލުވެރިންގެ ގާތަށް ދާށެވެ!"

               އިސްމާޢީލުގެފާނު، އެކަލޭގެފާނުގެ ބައްޕާފުޅުގެ އަމުރުފުޅަށް އަނބިކަނބަލުން ދޫކޮށްލައްވައި އެހެން ބޭކަނބަލަކާ ކައިވެނި ކުރެއްވިއެވެ. ޢިލްމުވެރިން ބަޔާން ކުރައްވާފައިވާގޮތުގައި ފަހުން ކައިވެނި ބެއްލެވި އަނބިކަނބަލުންގެ ފަރާތުން ދަރިން ލިބި ވަޑައިގެންނެވިއެވެ. ޢަރަބިންގެ ފަހުގެ ނަސްލު އައީ އިސްމާޢީލުގެފާނުގެ މި ދަރިކޮޅުންކަމުގައި ޢިލްމުވެރިންގެ ފަރާތުން ބަޔާންވެ އައިސްފައި ވެއެވެ. އިސްމާޢީލުގެފާނާބެހޭގޮތުން ޞައްޙަކޮށް ފެންނަން އޮތީ މިހާހިސާބަށެވެ. އިސްމާޢީލުގެފާނުގެ ވާހަކަތަކަކީ އެކަލޭގެފާނުގެ ބައްޕާފުޅު އިބްރާހީމުގެފާނުގެ ވާހަކަތަކާ ގުޅިފައިވާ ވާހަކަތަކެއްކަމުން، އިބްރާހީމުގެފާނުގެ ވާހަކައިގައި އިސްމާޢީލުގެފާނުގެ ބައެއް ޙާދިސާތައް ވާނީ ބަޔާންވެގޮސްފައެވެ.

އިބްރާހީމްގެފާނުގެ ދެވަނަ ދަރިކަލުން އިސްޙާޤު عليه السلام

ﷲ ސުބްޙާނަހޫވަތަޢާލާ، އިސްމާޢީލުގެފާނަށްފަހު އިބްރާހީމުގެފާނަށް އިސްޙާޤުގެފާނު ދެއްވެވިއެވެ. ކުރީގައި ބަޔާންވެދިޔަގޮތަށް އިބްރާހީމުގެފާނަށް އިސްމާޢީލުގެފާނު ލިބިވަޑައިގަތީ އެކަލޭގެފާނުގެ ޢުމުރުފުޅުން 86 ފުޅުގައެވެ. އޭގެ 14 އަހަރުފަހުން އިސްޙާޤުގެފާނު ލިބިވަޑައިގަތީ އެކަލޭގެފާނުގެ ޢުމުރުފުޅުން 100 ވަނަ އަހަރުގެ ތެރޭގައިކަމަށް ރިވާވެފައިވެއެވެ. އަދި އިބްރާހީމްގެފާނުގެ ދޮށީ އަނބިކަނބަލުން ސާރާގެ ޢުމުރުފުޅުން 90 އަހަރު ވެފައި ވަނިކޮށެވެ. މި ވާހަކަ އިބްރާހީމުގެފާނުގެ ވާހަކައިގައިވެސް ބަޔާންކުރެވިފައި ވާނެއެވެ. ﷲ ސުބްޙާނަހޫވަތަޢަލާ ލޫޠުގެފާނުގެ ޤައުމު ހަލާކު ކުރެއްވުމަށް ފޮނުއްވި މަލާއިކަތުން އިންސާނުންގެ ޞޫރާގައި ވަޑައިގެން، ފުރަތަމަ ބައްދަލު ކުރެއްވީ އިބްރާހީމުގެފާނާއެވެ. ބައްދަލު ކުރައްވައި އެކަލޭގެފާނަށް އިސްޙާޤުގެފާނު ލިބިވަޑައިގަންނަވާކަމުގެ އުފާވެރި ޚަބަރު ދެއްވިއެވެ. އެ ވަގުތު ސާރާ ޙައިރާންފުޅުވެ، އެ ކަމަނާ އެހާ ޢުމުރުން ދުވަސްވެ މުސްކުޅިފުޅު ވެފައިވާއިރު، އަދި ފިރިކަލުންވެސް އެހާދުވަސްވެ މުސްކުޅިފުޅުވެފައި ވާއިރު ދަރިން ލިބިދާނެތޯ ސުވާލު ކުރެއްވިއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ((قَالُوا كَذَٰلِكِ قَالَ رَبُّكِ ۖ إِنَّهُ هُوَ الْحَكِيمُ الْعَلِيمُ)) (الذاريات: 30) މާނައީ: "އެ މަލާއިކަތުން ދެންނެވިއެވެ. ކަމަނާގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވީ އެފަދައިންނެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ޙަކީމްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." އިބްރާހީމުގެފާނަށް، އިސްޙާޤުގެފާނު ދެއްވާނެކަމުގެ އުފާވެރި ޚަބަރު ދެއްވައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. ((وَبَشَّرْنَاهُ بِإِسْحَاقَ نَبِيًّا مِّنَ الصَّالِحِينَ * وَبَارَكْنَا عَلَيْهِ وَعَلَىٰ إِسْحَاقَ ۚ وَمِن ذُرِّيَّتِهِمَا مُحْسِنٌ وَظَالِمٌ لِّنَفْسِهِ مُبِينٌ)) (الصافات: 112، 113) މާނައީ: "އަދި ޞާލިޙުންގެ ތެރެއިންވާ ނަބިއްޔަކު ކަމުގައި އިސްޙާޤުގެފާނު ދެއްވާނެކަމުގެ އުފާވެރި ޚަބަރު، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމެވެ. އަދި އެކަލޭގެފާނާއި، އިސްޙާޤުގެފާނުގެ މައްޗަށް ތިމަންރަސްކަލާނގެ ބަރަކާތް ލެއްވީމެވެ. އެ ދެބަފައިކަލުންގެ ދަރިކޮޅުން ހެޔޮކަންތައްކުރާ މީހުންނާއި، ފާޅުވެގެންވާ ގޮތުގައި އަމިއްލަ ނަފްސަށް އަނިޔާކުރާ މީހުންވެއެވެ."  

އިސްޙާޤުގެފާނު ޢުމުރުފުޅުން 40 އަހަރު ވީއިރުވެސް ދަރިކަލަކު ލިބިވަޑައިނުގެން ދުޢާ ކުރެއްވެވިއެވެ. ދުޢާކުރެއްވުމުން ﷲ ސުބްޙާނަހޫވަތަޢާލާ އެކަލޭގެފާނަށް އެއްމާބަނޑު ދެދަރިކަލުން ދެއްވިއެވެ. އޭގެތެރެއިން އެއް ދަރިކަލުންނަކީ العِيصُ بن إسْحَاق އެވެ. ރޫމީންގެ އައިސްފައި ވަނީ މި ދަރިކަލުންގެ ދަރިފަސްކޮޅުންނެވެ. العِيصُ އަކީ ނަބީބޭކަލެއްކަމަކަށް ދަލީލެއް އައިސްފައެއް ނުވެއެވެ.

އިސްހާޤުގެފާނުގެ އަނެއް ދަރިކަލުންނަކީ މާތް ﷲގެ ނަބިއްޔާ ޔަޢުޤޫބު ޢަލައިހިއްސަލާމެވެ. މާތް ﷲ ކީރިތި ޤުރްއާނުގައި ޔަޢުޤޫބު ޢަލައިހިއްސަލާމުގެ ވާހަކަ ބަޔާން ކުރައްވާފައި ވެއެވެ. އެކަލޭގެފާނަށް ލަޤަބެއްގެ ގޮތުން "إِسْرَائِيلُ"ކިޔާކަމުގައި އައިސްފައި ވެއެވެ. އެއީ "ﷲގެ އަޅާ" މި މާނައިގައި ޙިބްރޫ ބަހުން ބޭނުންކުރާ ބަހެކެވެ. ޢަރަބިބަހުގައި ޢަބްދުﷲ ކިޔާގޮތަށް ކިޔާނަމެކެވެ. އެގޮތުން "ئِيلُ"ގެ މާނައަކީ ﷲ ކަމުގައި، އަދި "إِسْرَا"ގެ މާނައަކީ އަޅު ކަމުގައި ބުނެވެއެވެ. އެހެންކަމުން އިސްރާއީލީ ދަރިކޮޅު، ނުވަތަ ބަނޫ އިސްރާއީލުން ނިސްބަތްވެފައިވަނީ ޔަޢްޤޫބު ޢަލައިހިއްސާލާމްއާ

ޚިޔާލުތައް